ޚަބަރު ރާއްޖެ

ޑީއެންއާރްގެ ޑޭޓާބޭސްގެ ތެރެއިން އެއްވެސް މީހަކު ޕާޓީއަށް ނުވައްދަން: އިހްސާން

ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

 

ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާކަމަށް ތުހުމަތު ކުރައްވައި މެންބަރު ވަނީ އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިތޯ މެމްބަރު ކުރެއްވި ސުވާލަށް މިނިސްޓަރު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

 

އެހެން ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެފައިވާ ކަމަށާއި އެ ޑޭޓާ ބޭނުންކޮށްގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަން އެނގިގެން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، އެކަން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

އެގޮތުން ސިސްޓަމްތެރޭގައި އެކްސެސް ލޮގްތަކާއި އޮޑިޓެޑް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެ ކަމަށާއި ޕެނެޓްރޭޝަން ޓެސްޓެއް ހަދައި، ސިސްޓަމް ޕެޗްކޮށްފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ސިސްޓަމަށް ދީފައިވާ އޭޕީއައިތަކުގައި ސިގްނޭޗަރތައް އެކުލަވާލާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 


  • ހޯމް މިނިސްޓްރީ
  • ޑީއެންއާރް
  • ކޮމެންޓް