ޚަބަރު ރާއްޖެ

ޝާހިދު އިސްވެ، ހުންނަވާ އެމްޑީޕީގެ ވަފުދެއް އައްޑޫ ސިޓީއަށް

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އިސްކޮށް ހުންނަވައި، އެޕާޓީގެ ވަފުދެއް އައްޑޫއަށް ފުރައިފިއެވެ.

 

މިއީ ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ޕާޓީގެ އާއްމު މެމްބަރުންނާއި ބައްދަލުކުރެއްވުމަށް އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރެކެވެ.

 

ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އާއި، މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީއާއި، އައްޑޫ ސިޓީގެ އެމްޑީޕީ ދާއިރާ ރައީސުން ބައިވެރިވެއެވެ. އަދި މީގެ އިތުރުންވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިތުރު ބައެއް މެމްބަރުން ވެސް މިދަތުރުގައި އައްޑޫއަށް ވަޑައިގަންނަވައެވެ.

 

އައްޑުއަށް ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު ވިދާޅުވީ އައްޑޫއަކީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި ވެސް، އަދި އުފެދިގެން މިއަދާއި ހަމަޔަށްވެސް މެދުކެނޑުމެއް ނެތި އިސްލާހީ ހަރަކާތް އެންމެ ބާރަށް ހިނގާ އެއް ސަރަހައްދުކަމަށެވެ. އަދި މި ދަތުރުގައި އެ ސިޓީގައި ތިބި ޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށް، ޕާޓީގެ މަސައްކަތްތަކާއި ކުރިއަށް އޮތް އިންތިޚާބުތައް ޕާޓީއަށް ކާމިޔާބުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

 

ޝާހިދު އިސްވެ ހުންނަވާ އައްޑޫއަށް މިއަދު ވަޑައިގަންނަވާއިރު، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޟް އިސްމާއިލްއާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަނީ ފުރާވަޑައިގެންފައެވެ.

 


  • އެމްޑީޕީ
  • ސިޔާސީ ޕާޓީ
  • އައްޑޫ ސިޓީ
  • ކޮމެންޓް