އިންޑިއާގެ ޕެހެލްގާމްގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ޑރ. މުޢިއްޒު ވަނީ މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލުވާލައި، ގިނަ ބަޔަކު ޒަހަމުކޮށްލި އެ ހިތާމަވެރި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި ހައިރާންކަމާއެކުގައިކަން ފާހަގަކުރެއްވިއެވެ.
އަމަންއަމާންކަމާއި، ރައްކާތެރިކަމާއި ޑިމޮކްރަސީގެ އަސާސްތަކަށް ޓެރަރިޒަމް ކުރިމަތިކުރާ ނުރައްކަލަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގައި ރާއްޖެއިން ސާބިތު އަޒުމެއްގައި ދެމިއޮތްކަން ހާމަކުރައްވާފައެވެ.
އިއްޔެގެ މި ހަމަލާއިން ވެސް ހަނދާންކޮށްދެނީ ބައިނަލްއަގްވާމީ އެއްބައިވަންތަކަމާއި، އެއްބާރުލުމާއި ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް މިހާރުން މިހާރަށް ވެސް ބޭނުންވެފައިވާ މިންވަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެ، ހަމަލާގައި ޒަހަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ބޮޑުވަޒީރާއި ރައްޔިތުންނާއެކުގައި ހުންނެވިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.