މޯލްޑިވްސް އިމިގްރޭޝަނުން ރ. ދުވާފަރުގައި ހިންގި ހާއްސަ ރެއިޑެއްގައި 51 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ދުވާފަރުގައި މި އޮޕަރޭޝަން ހިންގީ އިއްޔެ ކަމަށެވެ. އަދި މިއީ އެރަށު ކައުންސިލްގެ އެއްބާރުލުމާއެކު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އިއްޔެ ހެނދުނު 8 ން ހަވީރު 5:45 އަށް ހިންގި މި ރެއިޑު އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 51 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެ، ވިޔަފާރިކުރަމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް އަދި ހޯމް މިނިސްޓްރީ ގުޅިގެން ގެންދަނީ މިފަދަ ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ.