ސިނަމާލެ ފްލެޓް ރީޑިވޮލަޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް ފާސްކޮށްފިއެވެ.
މި ކޮންސެޕްޓްތައް ފާސް ކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 191 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ސޮއިކޮށްފައިވާ މި ޕްތޮޖެކްޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ހޮންކޮންގައި ރަޖިސްޓަރ ކޮންގެން ހިންގާ، އެސް. އެފް. ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑާއެވެ.
މި އެއްބަސްވުމުގެ ދަށުން، 1500 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ނިންމާފައިވާއިރު، މި ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވަނީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް، މިހާރު އިމާރާތްކޮށްފައިވާ ސަރަހައްދު ހިމެނޭހެން 23476 އަކަ މީޓަރުގެ ބިމެއްގައެވެ.
އެހެންނަމަވެސް މި ފްލެޓްތައް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި، ތަރައްގީކޮށްފައިވާ ހޭންޑްބޯލް ކޯޓް މި ބިމުގައި ހުރުމުން، ހޭންޑް ބޯލް ކޯޓް ހުރި ބިމުން (3310 އަކަ މީޓަރު) ވަނީ އުނިކޮށްފައެވެ.
ފްލެޓް އަޅަން މިހާރު އޮތް ސަރަހައްދު ކުޑަވަމުން، އެ ބިމުގައި އިމާރާތް ކުރެވެނީ ޖުމްލަ 1360 ފްލެޓެވެ. އެއީ ކުރިން އެއްބަސްވެ ސޮއިކުރި އެއްބަސްވުމަށް ވުރެ، 140 ފްލެޓް މަދު އަދަދެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރަން ހަމަޖެހިފައިވާ އިމާރާތްތަކުގެ ތެރެއިން، 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާ ބިން، މިހާރު ވަނީ މަސައްކަތް ކުރާފަރާތާ ހަވާލުކޮށްފައެވެ.
މި ޕްރޮޖެކްޓްގެ ދެންހުރި ފްލެޓްތައް އިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ބިންތައް ހުރިކަމަށާއި އެހެންކަމުން އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް، ބުދަ ދުވަހުގެ ޖަލްސާގައި މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.
މިޕްރޮޖެކްޓް ތެރެއިން ސިނަމާލެ ފްލެޓް 1،2،3 އަދި މާލެ ހިޔާ 1،2 ފްލެޓްތައް ތަޅާލައި، އެ ބިންތަކުގައި އައު ޓަވަރުތައް އެޅުމަށް ވެސް ހަމަޖެހިފައިވާިއރު، މޭޔަރު ވިދާޅުވީ މިއަދު ފާސްކުރި ކޮންސެޕްޓަކީ އޮރިޖިނަލް އެގްރިމެންޓުގެ ދަށުން ޑިވޮލަޕަރު ތަރައްގީކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ވުރެ، ޖާގައިގެ ގޮތުން ތަނަވަސް، ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށް ވިސްނާ، ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ޕާކިންގ ޖާގަ އިތުރުކުރެވިފައިވާ ފުރިހަމަ ކޮންސެޕްޓެއް ކަމަށެވެ.