ޚަބަރު ރާއްޖެ

ހަރަމްފުޅުގެ އިމާމު، ދަތުރުފުޅު ނިންމަވާލައްވާ ފުރާވަޑައިގެންފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފިއެވެ.

 

މިއީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގެ ފުންނާބު އުސް ފާހަގަކޮށްލެވޭ އިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދެއްވި ދަައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

 

ފަސް ދުވަހުގެ ދަތުރުފުޅަށްފަހު އެމަނިކުފާނު ފުރާ ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިދަތުރުފުޅަކީ ވަރަށް ކާމިޔާބު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނު ދަތުރުފުޅެކެވެ.

 

އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާ، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އެ މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންނާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވާފައިވެއެވެ.

 

މީގެއިތުރުން އިމާމުންނާއި ޚަޠީބުންނާއި ބައްދަލު ކުރައްވާ އަގުހުރި ނަސޭހަތްދެއްވާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައި ވެއެވެ. އަދި ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ހިތްވަރު ދެއްވާ، ރާއްޖޭގެ އިލްމުވެރިންނާއި ބައްދަލު ކުރަައްވާ، ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ އުފާވެރި ވަގުތުކޮޅެއް ވެސް ވަނީ ހޭދަ ކުރައްވާފައެވެ.

 

ހަމަމިއާއެކު ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު، މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާފައިވަނީ ވެސް އެމަނިކުފާނެވެ.

 

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ހަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

 

މިއީ 40 އަހަރަށްފަހު ހަރަމްފުޅުގެ އިމާމެއް ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެކެވެ.

 


  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް