ޚަބަރު ރާއްޖެ

60 މިނެޓުފަހުން ހޯމް މިނިސްޓަރުގެ ނިންމުން ބަދަލުކޮށް ފުލުހުންގެ މުއައްސަސާ ހިންގުން ޑީސީޕީ ނަވީން އަށް

ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި ހަވާލުކުރައްވައިފިއެވެ.  

 

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަލީ ޝުޖާޢު އިސްތިއުފާ ދެއްވުމާގުޅިގެން ހޯމް މިނިސްޓަރ ޢަލީ އިހްސާން ފުލުހުންގެ މުއައްސަސާ ހިންގެވުން އެންމެފުރަތަމަ ހަވާލުކުރެއްވީ ފުލުހުންގެ ގާނޫނުގެ ދަށުން ކޮމިޝަނަރުގެ އެންމެހާ މަސްއޫލިއްޔަތުތަކެއް ޑިޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ އާއެވެ.

 

އެހެންނަމަވެސް އޭގެ ގާތްގަޑަކަށް 60 މިނެޓުފަހުން އެ ނިންމުން ބަދަލުކުރައްވާ، މިހާރުވަނީ ެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާ އާ ހަވާލުކުރައްވާފައެވެ.

 

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި، މި ތަހުގީގުގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެހުންނެވީ ޑީސީޕީ އިސްމާއިލް ނަވީންކަމަށެވެ. އެހެންކަމުން ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވާނީ ޑީސީޕީ ނަވީން ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

7 ޖުލައި 1994 ގައި ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެން ނަވީން އެ ހިދުމަތުގައި ހޭދަކުރެއްވި 31 އަހަރުގެ ތެރޭގައި ތަފާތު އެކި ބަހާތަކުގައި ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހްގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ.

 

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަންކުރައްވާފައިވަނީ 16 ފެބްރުއަރީ 2024 ގައެވެ. އޭގެކުރިން އޭނާ ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.

 


  • ހޯމް މިނިސްޓްރީ
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް