ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ހަވީރެއް ބާއްވައިފިއެވެ.
'އެކުގައިވަމާ' ނުވަތަ 'އެކުއެކީ' ގެ ނަމުގައި މި ހަވީރު ބާއްވާފައިވަނީ ހުޅުމާލެ ފޭސްގެ ހިޔާ ޕާކުގައި މިއަދު ހަވީރުއެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި ވީލްޗެއަރ އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދިޔަ މި ހަވީރުގައި އެސްއޯ މޯލްޑިވްސް، ޚިދުމަތް ޖަމްއިއްޔާ ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ އެކި ފަރާތްތައް ވަނީ ބައިވެރިވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިމަނައިގެން ބޭއްވި މި ހަވީރުގައި އެފަދަ ފަރާތްތަކުގެ އާއިލާތަކުންނާއި އާންމުންގެ ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި މި ހަވީރު އިންތިޒާމުކޮށްފައިވަނީ ހުރިހައި އުމުރުފުރާއަކަށް ވެސް ބައިވެރިވެ، ތަފާތު އެކިު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތާ ވެސް އެކުގައެވެ.
މި ހަވީރުގައި ވަނީ ނުކުޅެދުންތެރިކަމާއި ގުޅޭ އެކި މައުލޫމާތުތައް ވެސް ހިއްސާކޮށްފައެވެ.
މި އުފާވެރި ހަރަކާތާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހާސިލުކުރަން ބޭނުންވި މަގްސަދު ހާސިލުކުރެވިއްޖެ ކަމަށެވެ. ކޮންމެވެސް ވަރަކަށް މޫސުން ގޯސްވި ނަމަވެސް ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި މުސްތަގުބަލުގައި މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
ވީލްޗެއަރ އެސޯސިއޭޝަންގެ ޗެއަރމަން އަޙްމަދު ނަޖީބް ވިދާޅުވީ މިއީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެފަރާތަކީ ވެސް މުޖުތަމައުގައި ކޮންމެވެސް ހިއްސާއެއް އޮންނަ ފަރާތެއްކަން އަންގައިދިނުމުގެ މަގްސަދުގައި ބޭއްވި ހަވީރެއް ކަމަށެވެ. އަދި ތަފާތު އެހެން ފަރާތްތަކާ ގުޅިގެން ވެސް މިފަދަ ހަވީރާއި ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާއްވައިދިނުމަކީ ވަރަށްބޮޑު މަގްސަދެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މި ހަވީރުގައި ހުޅުމާލެ ޕޮލިސް، ވީލް ޗެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، އޭޑީކޭ ޖެނެރަލް ޓްރޭޑިންގ، އެސިސްޓެޑް ލިވިންގ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ބައިވެރިވެފައެވެ.