ގަލޮޅު ސިޓީ ޕާކު ފޭސް2 ގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
އެ ކައުންސިލުން ވިދާޅުވީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރުން މެއި 4 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު، ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ، އެ ކައުންސިލުގެ އިދާރާގައި އޮންނާނެކަމަށެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ މެއި 8 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު ކަމަށެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާޔާއެކުއެވެ. އަދި މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަ ކުދިން ކުޅޭނެ ހުސް ސަރަހައްދެއް އޮންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އައުޓްޑޯ ޖިމެއް ވެސް ހެދުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެއެވެ.
ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ފަރާތްތައް ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ނިންމާފައި ވެއެވެ.
މި ޕާކު ތަރައްގީކުރުމުގެ މަސައްކަތަކީ މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދުމަށް ކުރައްވަމުންގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރައްވާ މަސައްކަތެކެވެ.