ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ އިދާރާ އިން ވިދާޅުވީ މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ފާހަގަވި މީހުން ކަމަށެވެ.
އެގޮތުން މި ރެއިޑް އޮޕަރޭޝަން ހިނގީ މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަހައްދުގައި އިއްޔެކަަމަށް ވިދާޅުވިއެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ އެސަރަހައްދުތަކުން 35 ބިދޭސީއަކު ޗެކްކޮށްފައިވާއިރު، އޭގެތެރެއިން 13 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެ، ވިޔަފާރިކުރަމުން އަންނަ ބިދޭސީން ހޯދައި، ގަވާއިދަށް އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދެމުން ގެންދެއެވެ. އަދި ބައެއް މީހުން ވަނީ ޑީޕޯޓުވެސް ކޮށްފައެވެ.