އަންހެންވެރިންގެ ސައްލާ މަސައްކަތު ބައްދަލުވުން ފަށައިފިއެވެ.
މިއީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސކޮށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިންތިޒާމުކޮށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
މިއަދު ފެށި މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައެވެ.
މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުވުމުގެ މަގްސަދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އެ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާއި، ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.
މި ސައްލާ ކުރިއަށްދާނީ މި މަހުގެ 29 އިން 30 އަށް މާލޭގައެވެ.