ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދަރުމަވެރިން ނުލިބުން ކަމުގައި އެސްއޯ މޯލްޑިވްސްގެ ޗެއަރޕާރސަން އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބޭ ދަރުމަވެރިން ނުލިބޭ އެންމެ މައިގަނޑު ސަބަބަކީ އެކުދިންގެ މައުލޫމާތު އާންމުންނަށް ނޭނގުން ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ކިޔައިދީ، ފޯރުކޮށްދިނުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިބޭ ވިދާޅުވީ އެސްއޯ މޯލްޑިވްސްގެ ދަރުމަވެރިއަކަށްވުމުގެ ފުރުސަތު އޮތީ ހަމައެކަނި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެކަނި ނޫން ކަމަށެވެ. އެފުރުސަތު ކޮންމެ މީހަަކަށް ވެސް އޮންނާނެކަމަށާއި ދަރުމަވެރިންނަށް އުފަލާއެކު މަރުހަބާކިޔާ ކަމަށް ވެސް ވިދާޅުވިއެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ 2019 ވަނަ އަހަރު އޭރުގެ ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއެއް ނުވަތަ އެސޯސިއޭޝަނެކެވެ. މަގްސަދަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާއާއި އެހެނިހެން ވެސް ދާއިރާތަކުގައި ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމެވެ.