ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓް ތަރުތީބުކުރައްވައިފައިވަނީ އެއްގަހުގެ ހިޔާ އަނެއްގަހަށް ފޯރާގޮތަށް ކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެ މިނިސްޓްރީން މިއަދު ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކެބިނެޓް އެ ގޮތަށް ތަރުތީބުކޮށްދެއްވި ކަމަށްޓަކައި ރައީސް އަށް ޝުކުރުއަދާކުރައްވަމުން މިނިސްޓަރު ވަނީ އަންހެންވެރީން މުޖުތަމައުގައި އަދާކޮށްފައިވާ އަދި އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ތަފްސީލުކޮށް ބައްލަވައިލައްވާފައެވެ.
މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހިމެނޭހެން 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުވުމުގެ މަގްސަދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އެ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާއި، ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.
މި ސައްލާ ކުރިއަށްދާނީ މި މަހުގެ 29 އިން 30 އަށް މާލޭގައެވެ.
މިއަދު ފެށުނު "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށްދާއިރު، ޑަބްލިއުޑީސީތަކަށް ހާއްސަކޮށްގެން އެ މިނިސްޓްރީން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.