ޚަބަރު ރާއްޖެ

ރައީސް ޑރ. މުޢިއްޒު މާލެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

 

މިއީ މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

 

މި ދަތުރުފުޅުގައި މެލޭޝިއާއަށް ވަޑައިގަތުމުން މި މަހުގެ 28 ވީ ހޯމަ ދުވަހު ޕުތްރަޖާޔާގައި ވަނީ އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައެވެ. މި ދަތުރުފުޅުގައި މެލޭޝިއާގައި ކުރިއަށްގެންދިޔަ މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަގުރީރުކުރައްވައި، ރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އައު ފުރުސަތުތަކުގެ ބޭނުން ހިފައި، ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަގްބަލަށް ތައްޔާރުވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވިއެވެ.

 

އެމަނިކުފާނު ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެގޮތުން، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އަށް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ.

 

އެ ހަފުލާގައި ދިވެހި އައި.ޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި، "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން " އިފްތިތާހްކޮށްދެއްވިއެވެ.

 

މި ދަތުރުފުޅުގެ އުސްއަލިތަކުގެ ތެރޭގައި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސް އަށް "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވުން ހިމެނެއެވެ.

 


  • މެލޭޝިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް