ޚަބަރު ރާއްޖެ

ޑރ. ޝަހީމް އަދާލަތު ޕާޓީ އާ ގުޅިވަޑައިގެން ރައީސްކަމަށް ވާދަކުރައްވަނީ

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

 

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީއަށް އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅުގައި އެ ޕާޓީގެ އައު ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެކަމަށެވެ.

 

އެހެންނަމަވެސް ޑރ. ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަނީ މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށްފަހުގައި ކަމެއް، ނުވަތަ ނޫންކަމެއް ހާމައެއް ނުކުރައްވައެވެ.

 

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވާތީ އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި އާންމު ކައުންސިލްގެ މެމްބަރު ޝެއިޚް އިލްޔާސް ހުސެއިން، މަރުހަބާ ދަންނަވާ ވިދާޅުވީ އެޕާޓީ ހަރުދަނާކޮށް، ކުރިއެރުވުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. އެކަމަށް ތާއީދުކުރައްވާކަމަށެވެ.

 

ޑރ. ޝަހީމް މީގެކުރީން ވެސް ވަނީ އަދާލަތު ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އަދި އެ ޕާޓީން 14 ފެބްރުއަރީ 2017 ގައި ވަކިވެވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް, އެޕާޓީން އެމްޑީޕީއާއެކު މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.

 

އޭގެފަހުން ޕީޕީއެމްއާ ގުޅިވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވެސް ވަނީ ވާދަކުރައްވާފައެވެ. އެ އިންތިހާބުގައި ނާކާމިޔާބުވުމުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިސް މަގާމަކަށް ވަޑައިގެންނެވިއެވެ.

 

އަދާލަތު ޕާޓީގެ ރައީސަކަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ހުންނަވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ބޭންކޮކުގައި ދިރިއުޅުއްވާ އިމްރާން ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

 


  • އަދާލަތު ޕާޓީ
  • ސިޔާސީ ޕާޓީ
  • ޑރ. ޝަހީމް
  • ކޮމެންޓް