އަވަށްޓެރި އިންޑިއާގައި މިހާރުކުރިއަށްދާ ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް 2025 ގެ ފައިނަލަށް ރާއްޖޭގެ ޓޫ އޮފް އަސް ހިނގައްޖެއެވެ.
މުމްބާއީގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަަލަށް މި ބޭންޑު ދިޔައީ ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލްގެ ދެވަނަ ސީޒަންގެ މިއަދު ހަވީރު ބޭއްވި ޕާރފޯމޭޝަނަށްފަހުގައެވެ. މިއަދުގެ ޕާރފޯމަންސްގައި ރާއްޖޭގެ ބޭންޑުން ވަނީ ސްރީލަންކާގެ ނައިޓްސް އާއި މޮރިޝަސްގެ ނިކިލް އެންޑް ގޭންގް އާއި ތަޖަކިސްތާނުގެ ދިލްސޭއާއި ނޭޕާލްގެ ސްވާސްތިކް އަދި މޮރިޝަސްގެ އެވަރނެޓްސް އާ ވާދަކޮށްފައެވެ.
މި ބޭންޑުތަކުގެ ތެރެއިން އެލިމިނޭޓުވީ ތަޖަކިސްތާނުގެ ދިލްސޭއެވެ.
މި މުބާރާތުގެ ފައިނަލް ނުވަތަ ގްރޭންޑް ފިނާލޭ މާދަމާ އޮންނައިރު، ފައިނަލަށް ދަތުރުކުރި 5 ޓީމުގެ މެދުގައި ހުށަހެޅުން އޮންނައިރު، އެންމެމޮޅު ތިން ޓީމު ހޮވާނެއެވެ.
މިއީ ދެކުނު އޭޝިއާގެ އެންމެ މަޝްހޫރު އެއް މިއުޒިކް މުބާރާތުގެ ގްރޭންޑް ފިނާލޭއަށް ރާއްޖޭގެ މިއުޒިކް ބޭނޑެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
މިކަމާއިގުޅިގެން ޓޫ އޮފް އަސް ގެ މެމްބރެއް ކަމުގައިވާ އަޙްމަދު ޝަހީދު (ލެގަސީ) ވިދާޅުވީ ޓޮޕް 5 އަށް ދިއުމަކީ ވެސް ވަރަށްބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އުއްމީދަކީ އެންމެ ގަދަ (ޓޮޕް) 3 ގައި ހިމެނުން ކަމަށެވެ.
"މިހާ ހިސާބަށް އާދެވުމަކީ ވެސް ވަރަށްބޮޑު ކާމިޔާބެއް. އަޅުގަނޑުމެންގެ އުއްމީދަކީ ޓޮޕް 3 އަށް ދިއުން."
މީގެއިތުރުން މިއީ ބޭންޑަށް ވުރެ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްކަން ފާހަގަކޮށް ޝަހީދު ވިދާޅުވީ މި ކާމިޔާބީން ދައްކުވައިދެނީ ކިތަންމެ އާބާދީ މަދުނަމަވެސް ހުނަރުވެރިން ތިބިކަން ކަމަށް ވެސް ވިދާޅުވިއެވެ.
އެކި ގައުމުތަކަށް ނިސްބަތްވާ 12 ޓީމަކުން މި މުބާރާތުގައި ވާދަކުރިއިރު، ރާއްޖެއިން ވަނީ ދިވެއްސާއި ހިންދީ ލަވަތައް ހުށަހަޅައިދީފައެވެ. އޭގެތެރެއިން ވެސް ހިންދީ ލަވަތަކަށް ގިނަބައެއްގެ ތައުރީފު ވަނީ އޮހިފައެވެ. އެގޮތުން އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރ އަނޫ މަލިކް ބުނެފައިވަނީ ސްޓޭޖުގައި ހުޅުޖަހައިފި ކަމަށާއި މިފަހަރުގެ ޓައިޓްލް ގެންދާނީ ރާއްޖެކަމަށެވެ.
"ޓޫ އޮފް އަސް" އިން މި ހޯދި ކާމިޔާބީ އަށް 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުން މަރުހަބާ ކިޔަމެވެ. އަދި މުބާރާތުގެ އެންމެކާމިޔާބު ޓީމުގެ ގޮތުގައި އެނބުރި ރާއްޖެއައުމަކީ އުއްމީދެވެ.