ގިނަބައެއް އިންތިޒާރުކުރަމުން އައި ޑާކްރެއިން އެންޓަޓައިމަންޓުގެ ޕްރޮޖެކްޓް 37 ކަމުގައިވާ 'އަލިފާން' ފިލްމު އޮލިމްޕަސް ސިނަމާގެ ސިލްވަރ ސްކްރީންގައި މިރޭ ޕްރިމިއަރ ކުރާނެއެވެ.
ފައިބެއަަހަރުގެ އޮގަސްޓް 19 ގައި ޝޫޓިންގ ފަށާ، މިއަހަރުގެ ފެބްރުއަރީ މަހު ޝޫޓިންގ ނިންމާފައިވާ މި ފިލްމުގެ ފުރަތަމަ ޓީޒަރ އިން ވެސް ފިލްމުގެ އަލިފާންކަން ވަނީ ދައްކައިދީފައެވެ. އެ ޓީޒަރ އިން އަބްްދުﷲ ނިޔާޒު (ޖޭމު އައްލޯ) ގެ ފައިޓް ސީންއާއި ކުޅަދާނަ ބަތަލާ ޝީލާ ނަޖީބުގެ ފެނިލުމެއް ދައްކާލިއިރު، ފައިސަލްގެ ތަފާތު ލުކެއް ފެނިލުމަކާއި ޝަރައްޕެއާއި އަލީފު ވެސް ފެނެއެވެ.
މީގެއިތުރުން އާދަމް ރިޒްވީ، މައިހާ އާދަމް، އާއިމިނަތް ސުހާ، މޫސާ އަލީފް، އަދި މުހައްމަދު ހާޒިފް ވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
އުމުރުން 18 އަހަރުން މަތީ އުމުރުފުރާއަށް ކްލެސިފައިކޮށްފައިވާ މި ފިލްމުގެ ޓްރެއިލަރ އިން ގޭންގް ވަޔަލެންސާއި އެމީހުންގެ ބަހުރުވަ ދައްކައިދޭއިރު، ފައިޓް ސީންތަކެއް ވެސް ދައްކުވައިދެއެވެ.
އަހްމަދު ތޮލާލް (ތޮލް) ގެ ސްކްރީން ޕްލޭއަކަށް ރަވީ ފާރޫގް އާއި ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުޙައްމަދު ޢަލީ (މޮގާ) އާއި އައިޝަތު ފުއާދުއެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން 2024 ވަނަ އަހަރު ރިލީޒްކުރި ފުރޭތަ އުފެއްދި ޓީމުން ގެނެސްދޭ މި ފިލްމު މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް އޮލިމްފަހުގައި ދައްކާނެއެވެ.