ފިނިއަށި ރާއްޖެ

"ކޮސް ގިނަ މިސްޓޭކް" ނޮވެމްބަރ 5 ގަ، ޓިކެޓް ބުކިންގސް މިހާރު ހެދޭނެ

ފިލްމް "ކޮސް ގިނަ މިސްޓޭކް" (ކޭޖީއެމް) ގެ ޓިކެޓް ބުކިންގ އަށް ހުޅުވާލައިފިއެވެ.

 

މިއީ ސެޓަރން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމެކެވެ. މިއަހަރުގެ ނޮވެމްބަރ މަހުގެ 5 ގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމް އޮލިމްޕަސް ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 19ގެ ނިޔަލަށެވެ.

 

ފިލްމްގެ ޕްރޮޑަކްޝަން ހައުސް އިން ބުނެފައިވަނީ މި ފިލްމްގެ 5 ޝޯވއެއްގެ ޓިކެޓް ބުކިންގ އަށް ހުޅުވާލާފައިވާ ކަމަށާއި 7743399 އަށް ވައިބަރ މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.  

 

މިފިލްގެ ޕޯސްޓަރ އަދި ޓްރެއިލާރ ލޯންޗް ކޮށް، ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާއިރު، ޓްރެއިލަރ އިން އެކްޓަރުންގެ މޮޅު އެކްޓިންގ ފެނެއެވެ. އަދި ކެމެރާ އަދި އެޑިޓިންގ ގެ ފުރިހަމަކަން ވެސް ވަނީ ދައްކުވައިދީފައެވެ.

 

"ކޮސް ގިނަ މިސްޓޭކް" ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމެއްގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާއިރު، މިއީ ހިތްދަތި ކަމާއި އިޖްތިމާއީ ފިލްމްތަކަށް ފަހު ބެލުންތެރިން ހެއްވާލާ މަޖާ ފިލްމަކަށް ވެސް ވާނެއެވެ.

 

ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ނޯޓީފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ހިޓް ފިލްމްތަކަށް ފަހު މިފިލްމު ވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރ އިސްމާއިލް ޝަފީޤު ވަނީ ވިދާޅުވެފައެވެ.

 

މީގެއިތުރުން މިފިލްމް އުފައްދާ ސެޓަރން ސްޓޫޑިއޯ އަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "ކަމަނާ" އާއި މިއަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް "ކަނބުލޮ" ފަދަ ފިލްމް އުފައްދާ، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިންވެސް ފިލްމްތަކެއް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

 

ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ. މިފިލްމް ޝޫޓް ކޮށްފައިވަނީ މިއަހަރު ކުރީކޮޅު މ. މުލަކުގައެވެ.

 

މިއީ ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ އެއް ފިލްމަށްވާއިރު، ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން، ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.

 

މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާ އަދި ޔޫއްޕެ ޕްރޮޑަކްޝަނުންނެވެ.

 

މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމްގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދު ޣަނީ (ތޭރަ)، މަރިޔަމް އަޝްފާ، އާއި ޖަލާލް އަދި ފުބޫއެވެ.

 

އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދުއެވެ.

 


  • ޝައި ސްޓޫޑިއޯ
  • ސެޓަރން ސްޓޫޑިއޯ
  • ކޮމެންޓް