ކޮންމެ މިނިވަންކަމެއްގެ ވެސް ޙައްދެއް، ހުދޫދެއް އޮންނަންޖެހޭނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށާއި ކޮންމެ މިނިވަންކަމަކާއެކު ޒިއްމާތަކެއް ވެސް އޮތްކަން، ނޫސްވެރިން ވެސް ހަނދާންކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ގައުމީ ދިދަ، ދަނޑިއަށް ނަގާފައި ހުންނައިރު، ދިދައިގެ ހަތަރު ކަނުން، ދެ ކަން އައްސައި، އަނެއް ދެކަން ވަޔާ ވިހުރެން ދޫކޮށްފަ ހުންނަ ހުރުމުން އަންގައިދެނީ، ކޮންމެ މިނިވަންކަމެއްގެ ވެސް ހައްދެއް، ހުދޫދެއް އޮންނަންޖެހޭނެކަން ކަމުގައި ވިދާޅުވިއެވެ.
ހަމަމިއާއެކު ހައްދެއް ހުދޫދެއް ނެތް މިނިވަންކަމަކުން، މިނިވަންކަމުގެ ހަގީގީ އިހުސާސެއް ނުކުރެވޭނެ ކަމަށެވެ. އަދި މި ހަމައިން ވިސްނައި ނޫސްވެރިންނަށް ލިބުނު މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި، ޒިއްމާދާރު ކަމާއެކު ހިފުމަށް ދިވެހި ހުރިހައި ނޫސްވެރިންނަށް މޭޔަރ ޢާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.