ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޛީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޛީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

 

މިއީ ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓްކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އިން ގާއިމްކޮށްފައިވާ މުވާސަލާތީ އިންފްރަސްޓްރަކްޗަރތަކުގެ މައްޗަށް ސަރުކާރުގެ އޮފީސްތައް ބަރޯސާވެފައިވާއިރު، އިންސާނުންގެ ޢަމަލުތަކުން ނުވަތަ ދިމާވާ ގުދުރަތީ ހާދިސާއެއްގެ ސަބަބުން އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ހިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޛީ ޕްލޭނެއް އެކުލަވާލުމަށް އެކުލަވާލާ ޕްލޭނެކެވެ.

 

މި މަސައްކަތް ފަށާފައިވަނީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެވުޒާރާއިން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއިންނެވެ. އެން.ސީ.އައި.ޓީ އަށް ބޭނުންވާ ޑިޒާސްޓަރ ރިކަވަރީ އެންޑް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ "ކޭ.ބީ.އެސް.އެލް އިންފޮމޭޝަން ޓެކްނޯލޮޖީޒް ލިމިޓެޑް" އާއި އެކުގައެވެ.

 

ކޭ.ބީ.އެސް.އެލް އަކީ 1987 އިން ފެށިގެން އިންފޮމޭޝަން ޓެކްނޯލޮޖީދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސްރީލަންކާގެ ކުންފުންޏެކެވެ.

 

މި އެއްބަސްވުމުގައި ހޯމް މިނިސްޓްރީން ސޮއިކުރެއްވީ އެން.ސީ.އައި.ޓީގެ އިސްވެރިޔާ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ކިނާނަތެވެ. ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަރނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާއެވެ.

 

މި މަސައްކަތް އެފަރާތާއި ހަވާލުކޮށްފައިވަނީ 45,525 އެމެރިކާ ޑޮލަރަށެވެ. އަދި މަސައްކަތް ނިންމަން ދެވިފައިވަނީ 4 މަސްދުވަހެވެ.

 

މިގޮތުން އެ ކުންފުނިން ތައްޔާރުކުރާ ޕްލޭންއަކީ ބައިނަލްއަގްވާމީ ސްޓޭންޑަރޑްތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށްވާންޖެހެއެވެ. މި ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ މި އިންފްރަސްޓްރަކްޗަރގެ މިވަގުތުގެ ހާލަތާއި، ގުދުރަތީ ކާރިސާތަކާއި، ސައިބަރ ހަމަލާތަކާއި، ކަންރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާއި ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ހަމަޖެހިފައިވެއެވެ.

 

މީގެއިތުރުން މިފަދަ ޕްލޭނެއް ތަންފީޛްކުރުމާއި ގުޅޭގޮތުން މުވައްޒަފުންގެ ހުންނަންޖެހޭ ހުނަރާއި އިންސާނީ ވަސީލަތް ތަރައްގީކުރަން ބޭނުންވާނެ ތަމްރީނުތައް ވެސް ކަނޑައެޅިގެންދާނެއެވެ. އަދި މިފަދަ ކާރިސާއެއްގައި ޢަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބިގެންދާނެއެވެ.

 

ސަރުކާރުގެ އެކި އިދާރާތަކުން އޮންލައިންކޮށް ފޯރުކޮށްދެމުންދާއިރު، މި މަސައްކަތުގެ އެންމެ އިސްދައުރެއް އަދާކުރަމުންދާ  އެންމެ މުހިންމު އިދާރާއަކީ އެން.ސީ.އައި.ޓީ އެވެ. މިގޮތުން އެން.ސީ.އައި.ޓީ އިން އޮޕަރޭޓްކުރާ ނޭޝަނަލް ޑޭޓާ ސެންޓަރ (އެން.ޑީ.ސީ) ގައި ގިނަ އިދާރާތަކެއްގެ އެޕްލިކޭޝަންތައް ހޯސްޓްކޮށްދިނުމުގެ އިތުރުން އެ އިދާރާއިން ބަލަހައްޓާ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެން.ސީ.އެން) މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އެހެނިހެން މުވައްސަސާތަކުން ހިންގަމުންދާ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް ވެސް ވަނީ ގުޅާލެވިފައެވެ.

 


  • ހޯމް މިނިސްޓްރީ
  • ކޮމެންޓް