ވ. އަތޮޅު ކެޔޮދޫ ސްކޫލުގެ މަސައްކަތް ނުފެށި ލަސްވަނީ ބަޖެޓުގައި ބޭނުން ވާވަރަށް ފައިސާ ހިމެނިފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިއީ2024 ވަނަ އަހަރު ފާސްކުރި ދައުލަތުގެ ބަޖެޓުގެ ދަށުން ވ. ކެޔޮދޫ ސުކޫލުގައި އަޅަން ބުނެފައިވާ މަޝްރޫއެކެވެ.
އެހެންނަމަވެސް މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުގައި މި ޕްރޮޖެކްޓަށް 1.5 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ. އަދި 2023 ގެ ބަޖެޓުގައި 2.10 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށެވެ.
އެހެންނަމަވެސް މި ޕްރޮޖެކްޓަށް ޖުމްލަ ގޮތެއްގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށާއި 2023 އަދި 2024 ގެ ބަޖެޓުގައި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 15 އިންސައްތަ ފައިސާ ހިމެނިފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި 15 އިންސައްތަ ފައިސާ ނުހިމެނޭ އެއްވެސް ޕްރޮޖެކްޓެއް މިދިޔަ އަހަރު ފަށާފައިނުވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅު ދަށުން އެކި ރަށްތަކުގައި ފަށަން ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ދަށުން މި ޕްރޮޖެކްޓު އަލުން ފެށުމަށް ނިންމާފައިކަމަށެވެ. އަދި ކެޔޮދޫ ސުކޫލުގައި ދިމާވަމުންދާ ކަރަންޓުގެ މައްސަލަތައް ވެސް ހައްލުކުރައްވާނެކަމަށް ވިދާޅުވިއެވެ. އެއީ އެ މިނިސްޓްރީން ހިންގާ "ކޫލް ސްކޫލް" ގެ ޕްރޮޖެކްޓް ދަށުން ކަމަށް ވަނީ ވިދާޅުވެފައެވެ.