ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ އިސްލާމީ ތާރީހުގައި އިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމައުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައްކަން ފާހަގަކުރައްވާފައެވެ. އަދި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާއްމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ވެސް އިލްމުވެރިންނާއި އިމާމުންކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޓެރެރިޒަމްއާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާއި ގުޅުންހުރި ކަމެއް ނޫން ކަމަށާއި މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުންކަމަށް ވިދާޅުވިއެވެ. އަދި ޓެރެރިޒަމްއާއި ހަރުކަށި ފިކުރާއި ގުޅޭ ސައްހަ ތަފްސީލީ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވޭ މި ފޯރަމަކީ ވަރަށް މުހިއްމު ފޯރަމެއް ކަމަށް ވިދާޅުވިއެވެ.
" އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާވެސް ހެޔޮކޮށް، ރަހްމަތްތެރިކަމާއި އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމަށް. އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީއަތުގައި ޖިހާދަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވޭ."
މިނިސްޓަރު ވަނީ އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައި ނުވާ ކަމަށާއި އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ޖިހާދުގެ ހުކުމަތަކީ ގައުމާއި ރައްޔިތުން ރައްކާތެރިކުރުން ކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއް ވެސް މަނާކުރައްވާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.