ގްލޯބަލް ރިސައިކަލިން ޑޭއާ ގުޅިގެން ބޭއްވި ޓިކްޓޮކް މުބާރާތުގެ އެއްވަނަ އަލީ ހިސާމް އަށް

ގްލޯބަލް ރިސައިކަލިން ޑޭއާ ގުޅިގެން، މާލެ ސިޓީ ކައުންސިލުން "ގެޓް ކްރިއޭޓީވް ގޯ ގްރީން އެންޑް ވިން ބިގް" ނަމުގައި ކުރިއަށް ގެންދިޔަ ޓިކްޓޮކް ޕްލެޓް ފޯމުން ވަނަތައް ހާސިލުކުރި ފަރާތްތައް ހޮވައި ނަތީޖާ ފާޅުކޮށްފިއެވެ.

 

މިއަަހަރުގެ މާރޗު މަހު ކުރިއަށްގެންދިޔަ މި މުބާރާތުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމުދިނުން އޮތީ  މޭ 5 ވީ ހޯމަ ދުވަހު ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ ގޯތި ތެރޭގައި ބޭއްވި ޖަލްސާއެއްގައެވެ.

 

ހުރިހާ އުމުރު ފުރާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފަހުރުވެރި އެއްވަ ހާސިލުކުރީ ޢަލީ ހިސާމް އެވެ. އެ ފަރާތަށް ކަނޑައަޅާފައިވާ 6000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ. ދެވަނަ ހާސިލުކުރި ޢައިޝަތު ކައިރާ އިސްމާޢިލް އަށް ކަނޑައަޅައިފައިވާ 4000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެއްވީ މައްޗަންގޯޅި އުތުރުދާއިރާގެ ކައުންސިލަރު ސަޢީދާ ރަޝާދެވެ.

 

ތިންވަނަ އަށް ދިޔަ ޔޫސުފް އަޒާން އަހުމަދަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ، ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދެވެ.

 

މި މުބާރާތުގެ އެންމެ މޮޅު ފަސް ފަރާތް ހޮވައި، އެފަރާތްތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ފަސް ބައިވެރިންނަކީ އަލީ ހާސިމް، އައިޝަތު ކައިރާ އިސްމާޢިލު، ޔޫސުފް އަޒާން، ޒިކާން ހަސަން އަދި ފަޡީލާ މުހައްމަދެވެ.

 

މޭޔަރ ޢާޒިމް ވިދާޅުވީ ރިސައިކަލް ކުރުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މުހިއްމު ކަމެއް ކަމަށެވެ. އަދި މިއަދު ދުނިޔެ ތަރައްގީވެ، ދިރިއުޅުމަށް ބޭނުންކުރާ ތަކެތި ގިނަވުމުން، އުކާލަންޖެހޭ ތަކެތި ވެސް ދަނީ އިތުރު ވަމުންކަން ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން ކުނި ނައްތައިލުމަކީ، މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުން ބޮޑު، ގިނަ ޚަރަދު ކުރަންޖެހޭ މަސަކަތަކަށް ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ކުނީގެ ގޮތުގައި އުކާލަންޖެހޭ ވަރަށް ގިނަ ބާވަތުގެ ތަކެއްޗަކީ ރީސައިކަލް ކޮށްގެން، ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ތަކެތިކަން ވެސް ފާހަގަކުރެއްވިއެވެ.

 


  • މާލޭ ސިޓީ ކައުންސިލް
  • އާދަމް އާޒިމް
  • ކޮމެންޓް