ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ގއ. ވިލިނގިލީ ކައުންސިލުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް އާއި ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު އަދި ކައުންސިލުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް، ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އަދި އިމިގްރޭޝަންގެ އިސް އޮފިޝަލުންނާއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ގއ. އަތޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް ފެށުމާއި، އެ އަތޮޅަށް ދިމާވެފައިވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތަކުގެ ކައުންސިލްތަކުން އެއްބާރުލުން ލިބޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. އެފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖޭގެ ގާނޫނުތަކާއި ހިލާފުވެގެން 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ. އަދި އެގޮތަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ.