އުއްތަމަ ފަނޑިޔާރު ރިޓަަޔަރ ކުރައްވަނީ

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލް އުސްތާޛު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވަން ހުށަހަޅުއްވައިފިއެވެ.

 

މައުލޫމާތު ލިބިފައިވާގޮތުގައި އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީ ހުށަހަޅުއްވާފައެވެ.

 

އެމަނިކުފާނު ވަނީ ރިޓަޔަރ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް މީގެ ދެމަހެއްހާ ކުރީން ކުރައްވާފައެވެ. އެއީ ޝަރުއީ ދާއިރާއާ އަލަށް ގުޅުނު ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

 

"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. އެހެންވީމަ މިފަދަަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް. ހާއްސަކޮށް މި ހައިސިއްޔަތުން."

 

މުއުތަސިމް ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންހަމް އިން ބެޗެލަރ އޮފް ލޯސް ހާސިލުކުރައްވާފައެވެ. އަދި ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯ އިން މާސްޓަރ އޮފް ފިލޯސޮފީ ވެސް ހާސިލުކުރައްވާފައިވެއެވެ. އެއީ 1994 ވަނަ އަހަރުއެވެ.

 

އެމަނިކުފާނު ވަނީ 1994 އިން 2001 އަށްފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރައްވާ، 2001 ން 2005 އަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން (މިހާރު ގައުމީ ޔުނިވަރސިޓީ)ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި އެޗްއާރްސީއެމްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި މުއުތަސިމް ވަނީ 2005 ވަނަ އަހަރުން 2010 ވަނަ އަހަރަށް ކްލިޕަރ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނަރެއްގެ ގޮތުގައި ވެސް އުޅުއްވާފައެވެ.

 

2008 ވަނަ އަހަރު ތަސްދީގުކުރެއްވި ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް މުއުތަސިމް ނަންފުޅު، އޭރުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައި، އެ މަގާމަށް 10 އޮގަސްޓު 2010 ގައި އެ މަނިކުފާނު އައްޔަން ކުރެއްވިއެވެ. އަދި އެކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ހިދުމަތް ކުރައްވާފައެވެ.

 

މުއުތަސިމް އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުވާކުރެއްވީ ޑިސެންބަރު 8، 2019 ގައެވެ.

 


  • ޖޭއެސްސީ
  • ކޮމެންޓް