ރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިމިއްޖެ

ގައުމީ ޑިޖިޓަލް އިގްރާރު ރައީސް އަށް އަރުވަނީ - ފޮޓޯ: ރައީސް އޮފީސް

މި ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިއީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހްކުރި ޕްރޮގްރާމެކެވެ.

 

މީގެއިތުރުން ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫއެކެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫއެކެވެ.

 

ހިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި މި ސަމިޓުގައި، މޯލްޑިވްސް 2.0 ގައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީއާ އިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުއާމަލާތްތަކަށް މަގުފަހިކުރުމަށް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

 

ހަމަމިއާއެކު ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މައުލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ގާއިމުކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މައުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ގާއިމުކުރުމަށް ވެސް ނިންމާފައިވެއެވެ. އަދި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، ޑިޖިޓަލް ރޮގުން މުސްތަގްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމާއި، އައި.ސީ.ޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން ވެސް މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.

 

މި ރަސްމިއްޔާތުގައި މި ސަމިޓުން ހާސިލުކުރެވުނު ނަތީޖާތަކުގެ މައްޗަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވަނީ ގައުމީ ޑިޖިޓަލް އިގްރާރު ރައީސް އަށް އަރުވާފައެވެ.

 


  • ހޯމް މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް