ސިޓީ ފެންވަރުގައި ހަދާ ފުރަތަމަ ވީއެލްއާރް ހެދުމުގެ މަސައްކަތް ކުރިޔަށްގެންގޮސްފި

ލޯކަލް ގަވަރމަންޓް ލާމަރުކަޒީކުރުމުގެ އުސޫލުން ސިޓީ ފެންވަރުގައި ހަދާ ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރް) ހެދުމުގެ މަސައްކަތް ކުރިޔަށްގެންގޮސްފިއެވެ.

 

މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، ލޯކަލް ގަވަންމެންޓްސް ފޯ ސަސްޓެއިނަބިލިޓީ (އައިސީއެލްއީއަސި) އާއި ޔުނައިޓެޑް ނޭޝަންސް އެކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (ޔުނެސްކެޕް) އާއި ގުޅިގެން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

 

މި ވާރކްޝޮޕަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރު) ހެދުމުގެ މަގްސަދުގައި މާލެ ސިޓީ ކައުންސިލުން ބޭއްވި ވާރކްޝޮޕެކެވެ. އޭޕްރިލް 28  އަދި 29 ގައި ސޮލައިޓް ރެސްޓޯރެންޓްގައި ބޭއްވި މި ވާރކްޝޮޕްގެ ފުރަތަމަ ދުވަސް އަމާޒުކުރެވިފައިވަނީ ސަރުކާރުގެ އިސް ވެރިންނާއެކު މަޝްވަރާކުރުމަށެވެ.

 

މި ވާރކްޝޮޕް ފައްޓަވައިދެއްވައި މާލެ ސިޓީގެ މޭޔަރު، އާދަމް ޢާޒިމް ވިދާޅުވީ ހަމަހަމަ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭގޮތަށް ސިޓީ ފެންވަރުގައި މަސައްކަތްކުރުމުގައި ވީއެލްއާރު މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

 

މި ވާރކްޝޮޕްގެ ސަބަބުން އެސްޑީޖީތައް ހާސިލުކުރުމަށް ހުރި ހުރަސްތައް ދެނެގަނެވި، މާލޭގެ އެސްޑީޖީތަކަށް ހިއްސާކުރެވޭ މިންވަރު އިތުރުކުރެވިދާނެ އިދާރީ، އިންފްރާސްޓްރަކްޗަރ އަދި ދިރިއުޅުމާ ގުޅޭ ކަންކަމާ ބެހޭގޮތުން އުފެއްދުންތެރި މަޝްވަރާތަކެއްކުރެވުނެވެ.

 

މީގެތެރޭގައި ކުނި މެނޭޖްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމާއި، ފެން ހިމާޔަތްކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެހީތެރިވެދިނުމުގެ މަޝްރޫއުތަކަކީ މާލޭގެ އެސްޑީޖީ ކުރިއެރުމަށް ހިއްސާކުރެވިދާނެ ކަންކަން ކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ސެޝަން ތަކުން ވީއެލްއާރު ރިޕޯޓުގައި ހިމެނުމަށް ގިނަ ހިޔާލުތަކަކާއި މުޖުތަމައުގެ ފަރާތުން ބިނާކުރަނިވި ހިޔާލުތަކެއް ލިބިގެންދިޔައެވެ.

 

މި ވާރކްޝޮޕް ނިންމާލީ ހުރިހާ ސްޓޭކްހޯލްޑަރުންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް، އައި.ސީ.އެލް.އީ.އައި އިން އިސްނަގައިގެން އަދި ސިޓީގެ ޑިޕާޓްމަންޓްތަކާ ގާތުން މަޝްވަރާކޮށްގެން، ވީ.އެލް.އާރް ރިޕޯޓެއްގެ ޑްރާފްޓެއް އެކުލަވާލުމަށް އެއްބަސްވުމަކާ އެކުގައެވެ. އަދި މި ޑްރާފްޓް ވެގެންދާނީ މާލޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް (އެސް.ޑީ.ޖީ) ވާސިލުވުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ އެއްޗަކަށެވެ.

 

މާލޭގައި ވީ.އެލް.އާރް ގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ 2030 ވަނަ އަހަރުގެ އެޖެންޑާ ރާއްޖޭގައި ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

 


  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް