މަނީ ލޯންޑާ ކުރި ބިދޭސީއެއްގެ އެކައުންޓުގައި 8 މިލިއަން ރުފިޔާ ދައުރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މެއި 13 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސެޕްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ ބިދޭސީ މީހާ އަކީ 2019 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވާ ބަންގްލަދޭޝްގެ ޝަހާދަތު ހުސައިން ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ.
މީގެއިތުރުން މީނާ މިކަންކޮށްފައިވަނީ އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ކަމަށެވެ. އޭނާ ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކޮށްފައި ކަމަށެވެ.
ފުލުހުން ވިދާޅުވީ ޝަހާދަތު ބީއެމްއެލްގައި ދިވެހި ރުފިޔާގެ ތިން އެކައުންޓާއި ޑޮލަރުގެ ތިން އެކައުންޓު ހުޅުވާފައިވާ ކަމަށާއި އޭނާގެ ވަޒީފާއަކަށް ޖަހާފައިވަނީ 'އޮފީސް ކްލީނަރ' ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ފާހަގަވި ލިޔެކިޔުންތަކުން އޭނާގެ މުސާރައަކީ3،000 ޑޮލަރު ކަމަށް ދައްކާ ކަަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
"ޝަހާދަތަކީ ސައްހަ ނޫން ވޯކް ޕާމިޓް އަމިއްލައަށް ހަދައި ބިދޭސީންނަށް އެ ވިއްކާ މީހެއް. ލިބޭ ފައިސާ ފޮނުވަނީ ބަންގްލަދޭޝްގެ އެކައުންޓަކަށް."
ފުލުހުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޝަހާދަތު ދިރިއުޅުނީ 18،000 ރުފިޔާގެ ކުލިދައްކަންޖެހޭ އެޕާޓްމަންޓެއްގައި ކަމަށާއި އޭނާގެ މޮބައިލް ފޯނުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީއާއި ލޯގޯއާއި ސްޓޭމްޕް ހުރި ކަމަށެވެ. އަދި ވޯކް ޕާމިޓް ނެގުމަށް ބޭނުންވާ ޑޮކިއުމަންޓްތައް ވެސް އޭނާގެ އަތުގައި ހުރި ކަމަށާއި އަމިއްލަ މީހުންގެ ވިޔަފާރިތަކުގެ ނަމުގައި 153 އައިޑީ، ޕާސްވޯޑާ އެކު ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ފޮރިން އެކައުންޓުގެ ހަތް އެކައުންޓު އައިޑީ، ޕާސްވޯޑާއެކު ހުރިކަމަށާއި ޕްރައިވެޓް ކުންފުނިތަކުގެ ގޮތުގައި 273 އައިޑީ، ޕާސްވޯޑާއެކު ހުރިއިރު، އެކިއެކި މީހުންގެ ނަމުގައި 126 އައިޑީ، ޕާސްވޯޑާއެކު ހުރި ކަމަށް ވެސް ފާހަގަކުރެއްވިއެވެ. އަދި އެކިއެކި މީހުންގެ އީފާސް އެކައުންޓުތަކުގެ ލޮގިން، ޕާސްވޯޑާއެކު ހުރިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ މި މަސައްކަތް އޭނާ ކުރީ އިމިގްރޭޝަންގެ ބަޔަކާ ގުޅިގެންކަން ހާމަވާކަމަށް ފުލުހުން ވިދާޅުވިނަމަވެސް އެއީ ކޮން އޮފިސަރުންތަކެއްކަން ހާމައެއްނުކުރެއެވެ. ޝަހާދަތުގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.