ޗާލު މާލެ ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް

މާލެ ސިޓީ ކައުންސިލުން ހިންގާ "ޗާލު މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް ހަމަޖެއްސުމަށް، މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

 

ކައުންސިލުން މި ކަން ފާސްކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވި އެކައުންސިލުގެ4  ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

 

މިޖަލްސާގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވޭ ކަމަށެވެ. އަދި އެކަމަށް ގިނަ ހަރަދުތަކެއް ވެސް ހިނގާ ކަމަށެވެ.

 

އެހެންކަމުން މި މަސައްކަތުން އެންމެ ފުރިހަމަ ނަތީޖާ ނެރުމަށް އެވެއަރނަސް ކެމްޕެއިންތަކެއް ހިންގައިގެން، މަގުތަކަށާއި ޕާކުތަކަށާއި ހުސްބިންތަކަށް ކުނި އެޅުން މަދުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

 

މީގެއިތުރުން މާލެ ސިޓީ ރީއްޗަށް ބޭއްވުމަށް 50 މިލިއަނާއި 60 މިލިއަނާ ދެމެދުގެ ރުފިޔާ ހަރަދުވާކަން ފާހަގަކުރައްވާ، މިއީ ކައުންސިލުގެ ބަޖެޓަށް ކެތްވާވަރު ހަރަދުތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ.

 

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެކި ގޮތް ގޮތުން އެވެއަރނަސް ޕްރޮގްރާމްތައް ހިންގައިގެން ވެސް ކުނި އެޅުން މަދުކުރެވޭތޯ. ކުނިއެޅުން ހުއްޓުވޭތޯ. އަޅުގަނޑުމެން އަމާޒަކީ ހުއްޓުވުން."

 

މޭޔަރު އިތުރަށް ވިދާޅުވީ މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް ޓޫ އޮފް އަސް ބޭންޑާ މިހާރު ވާހަކަ ދެކެވި، އެ ބޭންޑާއެކު އެއްބަސް ވުމަކަށް ވެސް އާދެވިފައިވާ ކަމަށެވެ. އަދި މި ކެމްޕެއިންގައި ބައިވެރިވާން ހަމަޖެހިފައިވާ ކަމަށެވެ.

 

މިއީ އެ ބޭންޑަށް ފައިސާ ދީގެން ކުރާ ކަމެއް ނޫން ކަމަށާއި މިކަމުގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

 

ޓޫ އޮފް އަސް ބޭންޑު ވަނީ، ދާދިފަހުން އިންޑިޔާގައި ކުރިއަށް ދިޔަ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް" ތިންވަނަ އެވޯޑް ހޯދައި، ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައެވެ.

 


  • ޓޫ އޮފް އަސް
  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް