ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ނަމަ "ސިނަމާލެ ބްރިޖް" މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ގޮވާލައިފިއެވެ.
ސައިފް މި ކަމަށް ގޮވާލެއްވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައެވެ. އޭނާ ވަނީ ފަހަކަށް އައިސް ސިނަމާލެ ބްރިޖުގައި ސީރިއަސް ގިނަ އެކްސިޑެންޓްތައް ވަމުންއަންނަކަން ފާހަގަކުރައްވާއެވެ.
ސައިފް ވިދާޅުވީ ގިނަ މީހުން ބްރިޖް މަތީ ސައިކަލް ދުއްވަނީ ބާރު ސްޕީޑުގައި ކަމަށާއި އެހެންކަމުން ފަހަކަށް އައިސް ބްރިޖް މަތީގައި ހިނގާ އެކްސިޑެންޓްތައް ގިނަވެ، އެތައް ބަޔަކަށް ސީރިޔަސް އަނިޔާތަކެއް ލިބެމުން އަންނަ ކަމަށެވެ.
" ބްރިޖަށް އަރައި ބާރަށް ދުއްވީމަ ތިމާގެ ފުރާނަ އެކަންޏެއް ނޫނޭ އަތަށް ލައިގެން އެ ދުއްވެނީ. ގިނަ ފަހަރަށް މިވާ ގޮތަކީ، މަޑުން ދުއްވާ މީހާގެ ސައިކަލުގައި ޖެހިފަ އޭނަ ބުރައިގެން ގޮސް ބޮޑެތި އަނިޔާތައް މި ލިބެނީ."
އޭނާ އިތުރަށް ވިދާޅުވީ ބްރިޖް މަތީ ހުންނަ ކެމެރާތައް މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނާއިރު، ބްރިޖް މަތީ ދުއްވަންވީ މިންވަރު އެންގުމަށް ހަރުކޮށްފައިހުންނަ، ބޯޑުތައް ވެސް ހުރީ ކުލަ ވެއްޓިފައި ކަމަށެވެ. އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޘިމާ މުހައްމަދު ފާއިޒް ވެސް ބްރިޖްމަތިން އެކްސިޑެންޓު ވެގެން، އެ ތަނުގައި ހުރި ކެމެރާގެ ފްޓޭޖް ހޯދުމަށް ފުލުހުން ގާތު އެދުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި ހުރި ކެމެރާ ހުރީ މައްސަލަ ޖެހިފައި ކަމަށް ފުލުހުން ވިދާޅުވިކަމަށް ސައިފް ވަނީ ހާމަކުރައްވާފައެވެ.
ސައިފް ވިދާޅުވީ އެއް އިރެއްގައި ގިނަ ޢަދަދަކަށް، ޓްރެފިކް ޕޮލިހުން ބްރިޖް ބަލަހައްޓަމުން ދިޔަ ކަމުގައި ވިޔަސް، މިހާރު ބްރިޖް މަތިން އެ ކަން ނުފެންނަ ކަމަށެވެ.