'ގަނޑިޔަ ހިންނަވަރު' ތްރީ އޮން ތްރީ ސްޓްރީޓް ފުޓްބޯޅަ މުބާރާތް މާދަމާ ހެނދުނު ފަށާނެއެވެ.
މާފަންނުގައި އޮންނަ ލެގޫންސް ދަނޑުގައި ކުޅޭ އެއްދުވަހުގެ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަސްކައްކާ އެފްސީ އާއި އައިނިކް ބްރޯސްއެވެ. މި މެޗު ފަށާނީ ހެނދުނު 6:30 ގައެވެ.
މެންދުރު 11 ޖެހުމާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 19 މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.
ސްޕޯޓްސް އިވެންޓް ޕްލޭނަރ އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ މުޅީންވެސް ހިންނަވަރަށް ނިސްބަތްވާ ކުޅުންތެރިންގެ ޓީމުތަކެވެ. އެގޮތުން މަސްކައްކާ އެފްސީ އާއި އައިނިކް ބްރޯސްގެ އިތުރުން ބައިވެރިވެފައިވަނީ ހަބަތުދާރު އެފްސީ، ބޭބެ ކެފޭ، ކުޅިރޮށި އެފްސީ، އަތުޖެހި އެފްސީ، އޮފިޝަލް ޓީމު އަދި މަވެރިކްސްއެވެ.
މީގެއިތުރުން އެފްސީ އުކުޅުވަޅާއި އުޅާލި އެފްސީއާއި އެޗްބީޒެޑް ހެއުނާއާއި ހިންނަވަރިއަންސްއާއި އިންވިކްޓަރ އެސްސީއާއި މޮބުލާ އެފްސީއާއި ޒާލިފް އަދި އެޗްބީޒެޑް ގައްލަކްޓިކޯސް ހިމެނެއެވެ.
މިއީ ހަމައެކަނި ހިންނަވަރަށް ނިސްބަތްވާ ފަރާތްކަށް ހުޅުވާލާފައިވާ މުބާރާތަކަށްވާއިރު، މަގްސަދަކީ އެފަރާތްތަކުގެ ހުނަރު ދައްކާލާ، އެކުވެރި އަދި މަޖާ މާހައުލަކުން ރަށުގެ ރައްޔިތުން ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ދިނުމެވެ.
މީގެއިތުރުން ރަށުގެ މީހުން އެއްތަނަކަށް ޖަމާވެ، ކުޅިވަރުގެ ތެރެެއިން އެކުވެރި، އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ވެސް މި މުބާރާތުގެ މަގްސަދެކެވެ.