ޓްރާންސްޕޯޓު މިނިސްޓަރ މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ކާމިޔާބުވާގޮތެއް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ 12 މެންބަރުން ސޮއިކުރައްވާ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެކަމަށް ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރަށް 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު މައްސަލަ ތާވަލުކުރީ މިއަދުއެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 54 ވޯޓު ދެއްވީ އިތުބާރު އޮތް ކަމަށެވެ. އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އެމްޑީޕީން ވަނީ 7 ތުހުމަތެއް މިނިސްޓަރަށް ކުރައްވާފައެވެ. މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އެރުވި ފުރުސަތުގައި އެމަނިކުފާނު ވަނީ އެ ހުރިހާ ތުހުމަތުތަކަށް ވެސް އިންކާރުކުރައްވާފައެވެ. އަދި އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަމީނުގެ މައްޗަށްކުރައްވާފައިވާ ތުހުމަތުތަކަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން މީހަކު ވެއްޓިފައި އޮތްވާ ފެނުނު މައްސަލާގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ މައްޗަށް އައިސްދާނެ ޖިނާއީ ކުށެއްގެ ޒިންމާއިން ބަރީއަކުރުމަށް އެމަނިކުފާނު މަސައްކަތްކުރެއްވުމެވެ. އަދި އެ މައްސަލާގެ ތުހުމަތު ލިބޭ ބައެއް މީހުންނަކީ ވަޒީރު އަމީނުގެ އާއިލީ ބައެއްކަމަށް ވެސް ތުހުމަތުކުރައްވާފައިވެއެވެ.
އެހެންކަމުން ތަހްގީގަށް ނުފޫޒުފޯރުވުމަށް މިނިސްޓަރު މަސައްކަތްކުރައްވާފައިވާކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.