ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ދެއްވުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
އެ ހިދުމަތް ދިނުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު މިއަދު ރާއްޖެއައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓްރީގެ އިސްފަރާތްތަކުންނެވެ.
މި ވަފުދުގައި އެގައުމުގެ ހައްޖު މިނިސްޓްރީގެ ފަރާތްތަކާއި ފޮރިން މިނިސްޓްރީ، އިމިގްރޭޝަންގެ ފަރާތްތައް ހިމެނެއެވެ. އަދި ކަމާގުޅުންހުރި މުއައްްސަސާތައް ވެސް ހިމެނެއެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެެއްޓެވުމަށް ހަމަޖެހިފައިވަނީ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ. މި މަސައްކަތަށް އެގައުމުން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.