100 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެއްގައި ރާއްޖެއާއި އިންޑިއާ ސޮއިކޮށްފި

ރާއްޖޭގައި 13 މަޝްރޫއެއް ހިންގުމަށް އިންޑިއާ އާއެކު ސޮއިކޮށްފިއެވެ.

 

މިއީ އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްެންޓް" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެވެ.

 

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި ފަހުމުނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާނެ މުހިންމު މަޝްރޫއުތަކެކެވެ.

 

މި ފަހުމްނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އެވެ.

 

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ ޚަލީލް ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ އަބަދުވެސް ފާހަގަކޮށްލެވޭ ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ކަންކަންކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވި، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒްކޮށްދޭ މިސާލެއްކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

މި މަޝްރޫއުތަކަކީ މުޖުތަމައުގެ އުމްރާނީ ތަރައްްގީއަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާއީ އަދި އިގްތިސާދީގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫއުތަކެއް ކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

އެހެންކަމުން މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ރޫހު ދައްކުވައިދޭ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

 


  • އިންޑިއާ
  • ފޮރިން މިނިސްޓަރ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް