ރާއްޖެއަށް ތައާރަފުވެފައިވާ ލާމަރުކަޒީ ނިޒާމް ފުރައި ފުރިހަމަވެ ފައްކާ ވެގެން ދާއިރު، އެ ނިޒާމަށް އަންނަޖެހޭނެ ކަމަށް ދެކޭ އެންމެ ބޮޑު ބަދަލަކީ ކައުންސިލްތަކަށް އިގްތިސާދީ ބާރުވެރިކަން ލިބުން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ އަތޮޅުކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ އަހަރު ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ވެރިކަން ކުރަން ފެށުނީ 1970 ގެ އަހަރުތަކުގައި ކަމަށެވެ.
ގައުމުތަކުގައި މި ނިޒާމު ތައާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ތަރައްގީ ވަމުންދިޔަ ގައުމުތަކުގައި މައި ސަރުކާރުގެ ދަށުގައި ހުރިހައި ބާރެއް އޮވެގެން ހިނގަމުން ދިއުމުން ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ފިކުރީ ގޮތުން ވެސް ރައްޔިތުން އެދޭ ހަލުއި މިނުގައި ތަރައްގީވަމުން ނުދިއުމުން ކަމަށެވެ.
މޭޔަރު ވިދާޅުވީ މީގެ ނަތީޖާ މި ގައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށް ކަމަށާއި މީގެ ސަބަބުން މަދު އިގުތިސާދީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫއުތައް ހިންގަން ފެށުނުކަމަށެވެ.
މީގެއިތުރުން ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ހިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރުމުގެ ފުރުސަތު ލިބުނު ކަމަށާއި މީގެ ސަބަބުން ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރުތައް މަދުކުރެވުނުކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ހަރަދު ކުރެވޭގޮތް، ރައްޔިތުންނަށް ގާތުން ފެންނަން ފެށިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ އުމުރުގެ ގޮތުންނާއި ހަޟާރަތުގެ ގޮތުން ރާއްޖެ ކިތަންމެ ދޮށި ނަމަވެސް މަލްޓިޕާޓީ، ޑިމޮކްރަސީ އުފަންވިތާ އަދި މިވަނީ 16 ވަރަކަށް އަހަރު ކަމަށާއި އުމުރުގެ ކިރިޔާ އަދި ތަސައްރަފު މި ފުދުނީ ކަމަށެވެ. އަދި ދުނިޔޭގައި މިވަގުތު ވެރިކަން ކުރަމުންދާ 13 ނިޒާމުގެތެރެއިން އެންމެ ގިނަ ގައުމުތަކުގައި ވެރިކަން ކުރަމުންދާ ނިޒާމަކީ މަލްޓިޕާޓީ ނިޒާމް ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރާއްޖޭގެ ވެރިކަން މަލްޓިޕާޓީ ނިޒާމު ބަދަލުވެގެން އައިއިރު، ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ނިޒާމުގެ ތެރެއިން އުފަންވި ލާމަރުކަޒީ ނިޒާމު ކަމަށާއި ލާމަރުކަޒީ ނިޒާމު ތައާރަފު ކުރެވުނީ، މި ފަދަ ކޮންމެ ކަމެއް ވެސް އަލަށް ތައާރަފުވާއިރު އުފެދޭ އަދި އުފެދޭނެ ޝައްކާއި ވަހުމުގެ ތެރެއިން ކަމަށެވެ.
ލާމަރުކަޒީ ނިޒާމަށް ގައުމުތައް ހިންގުމަކީ ނުވަތަ ރަށްތަކާއި ސިޓީތައް ހިންގުމަކީ ރާއްޖޭގައި ތަންކޮޅެއް ފަހުން ފެށި ކަމަކަށް ވިޔަސް، ދުނިޔޭގައި މި ނިޒާމަށް ވެރިކަން ކުރަމުން އަންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.