ބާސެލޯ ނަސަންދުރާއަކީ މާލެ ސިޓީގެ ބަދަލުވަމުންދާ މަންޒަރުގެ އައު ބާބެއް: މޭޔަރު އާޒިމް

ބާސެލޯ ނަސަންދުރާއާއެކު، މުނިފޫހިފިލުވުމަށާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަތުރުވެރިންނަށް ފެންވަރު ރަނގަޅު މަންޒިލެއްގެ ގޮތުގައި، މާލެ ސިޓީގެ ނަން އުފުލިގެން ދާނެ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

 

މޭޔަރ ވިދާޅުވީ ބާސެލޯ ނަސަންދުރާ، ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މީސްމީޑިއާގެ އެކައުންޓްތަކުގައި ހިއްސާ ކުރެއްވި ފޯސްޓެއްގައެވެ.

 

އާޒިމް ވިދާޅުވީ މި ތަރައްގީއަކީ މާލެ ސިޓީގެ ބަދަލުވަމުންދާ މަންޒަރުގެ އައު ބާބެއް ކަމަށެވެ. އަދި ބާސެލޯ ނަސަންދުރާއިން، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފޯރުކޮށްދީ، ވަޒީފާގެ އައު ފުރުސަތުތައް އުފައްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މާލެ ސިޓީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބި، މުނިފޫހިފިލުވުމަށާއި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަތުރުވެރިންނަށް، ފެންވަރު ރަނގަޅު މަންޒިލެއްގެ ގޮތުގައި، މާލެ ސިޓީގެ ނަން އުފުލިގެންދާނެ ކަމަށެވެ.

 

"މާލެ ސިޓީ ކައުންސިލާއި މާލެ ސިޓީގެ ރައްޔިތުންގެ ފަރާތުން، ބާސެލޯ ނަސަންދުރާ ގްރޫޕަށް އަޅުގަނޑުގެ ހިތުގެ އަޑިން ތަހުނިޔާ ދަންނަވަން. މި ފާހަގަކޮށްލެވޭ ތަރައްޤީއަކީ، މާލެ ސިޓީގެ ބަދަލުވަމުންދާ މަންޒަރުގެ އައު ބާބެއް."  

 

މީގެއިތުރުން މި ހޮޓަލުން މުޖުތަމައަށާއި އިގްތިސާދަށް ކުރާނެ ހެޔޮ އަސަރުތަކަށް އިންތިޒާރު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

 

ކުރިން ނަސަންދުރަ ޕެލަސް ހޮޓަލުގެ ނަމުގައި ހިންގި ތަނުގައި ހެދި، މި ހޮޓަލުގައި 126  ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެއެވެ.

 

ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯ އިން ހިންގާ ބާސެލޯ ނަސަންދުރާ ހޮޓަލް އާއެކު ޔޫއޭއީ، ތައިލެންޑު، ޔޫރަޕްގެ ގައުމުތަކުގައި ވެސް، ހޮޓަލުގެ ވިޔަފާރި ދަނި ހިންގަމުންނެވެ. އަދި އެ ގްރޫޕުން ހިންގާ ރިސޯޓެއް އދ. އަތޮޅުގައި އޮވެއެވެ. އެއީ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސްއެވެ.

 


  • އާދަމް އާޒިމް
  • ކޮމެންޓް