ޖަލުތަކުގައި ތިބި ގައިދީންނަށް ކީރިތި ގުރްއާން އުނގަންނާދިނުމާ ގުޅޭގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުއާއެކުގައެވެ.
އެމްސީއެސްގެ ފަރާތުން ފަހުމްނާމާގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއި ކުރެވުނު މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތްތަކާ އެއްގޮތަށް އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދިނުމެވެ.
ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ މި ފަހުމްނާމާއަކީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ރައްޔިތުންނަށް ދޭ ހިދުމަތް ފުޅާކުރުމުގެ ގޮތުގައި ކުރެވުނު ކަމެއްކަމަށެވެ. އަދި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ފަރާތްތަކަށް ކީރިތި ޤުރްޢާން އުގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށެވެ.
އެ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް ވެސް މުސްތަގުބަލުގައި ޖަލުތަކުގައި ހިންގާނެކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ އިސްލާމިކް މިނިސްޓްރީން އަބަދުވެސް ދެއްވަމުން ގެންދާ އެހީތެރިކަމާއި، ޚާއްސަކޮށް ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި މިހާރު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރައްވާ، ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބިއިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ސްކޫލް ނިންމިއިރުވެސް ރަނގަޅަށް ކީރިތި ޤުރްއާން ކިޔަވަން ނޭނގޭކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ކީރިތި ޤުރްއާން އުގަންނާދެވޭނެ ފުރުސަތު ލިބިގެންދާ ކަމަށާއި އެމަރުކަޒުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތަކުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށް ވެސް ވިދާޅުވިއެވެ.
މި ފަހުމުނާމާގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ފަރާތްތަކަށް ޤުރްއާނާއި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ. އަދި ކުޑަކުދިން ބަންދުކުރާ މަރުކަޒުގައި ތިބި ކުޑަކުދިންނަށްގެ ތައުލީމީ ފެންވަރަށް ރިޔާއަތްކޮށް ކްލާސްތައް ނަގައިދޭނެ މުގައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިހާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައް ހިންގުން ހިމެނެއެވެ.