ޓްރާންސްޕޯރޓް މާސްޓަރ ޕްލޭނާ ގުޅޭ ސްޓޭކްހޯލްޑަރ ބައްދަލުވުމެއް ބާއްވައިފި

އިންޓަގްރޭޓެޑް ޓްރާންސްޕޯރޓް މާސްޓާރ ޕްލޭނަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ރިވިއުކޮށް ފައިނަލައިޒް ކުރުމަށް  ސްޓޭކްހޯލްޑަރ ބައްދަލުވުމެއް ބާއްވާފައެވެ.

 

މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ހިންގާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯރޓް މަޝްރޫއު" ގެ ދަށުން،އެކުލަވާލަމުންދާ މާސްޓަރ ޕްލޭނެކެވެ.

 

މާލެ ސަރަހައްދަށް ހާއްސަކޮށްގެން އެކުލަވާލާ މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޕްލޭން ކުރުމެވެ.

 

ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ކަމާ ގުޅުންހުރި  އެކި އިދާރާތައް ހިމެނޭހެން 25 މުއައްސަސާއަކުން ވަނީ މިބައްދަލުކުރެއްވުމުގައި ބައިވެރިވެފައެވެ.

 

އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވަނީ، ވައި ނުސާފުވުމާއި މޫސުމީ ބަދަލުތަކަށް ކުރާ އަސަރު ކުޑަކުރުމުގައި ދަތުރުފަތުރުގެ ދާއިރާ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަން ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން ރާއްޖޭގައި މިވަގުތު ލިބެންހުރި ވަސީލަތްތަކާއި އައު ޓެކްނޯލޮޖީ ތައާރަފްކޮށް، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. އަދި މި މަޝްރޫއުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ކަމާއިބެހޭ މުއައްސަސާތަކުން މެދުނުކެނޑި ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ.

 


  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ކޮމެންޓް