މަގޭ ވެށި - ޗާލު މަތިވެރި ސާފުކުރުމުގެ ހަރަކާތް މިއަހަރުވެސް ކުރިއަށް

އއ. މަތިވެރީގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ 'މަގޭ ވެށި – ޗާލު ވެށި" ސާފުކުރުމުގެ ހަރަކާތް ފަށައިފިއެވެ.

 

އެރަަށު ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ހަރަކާތް މިއަހަރު ފައްޓަވައިދެއްވީ ލޯކަލް ކައުންސިލި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢިނާޒު ޢަލީ އެވެ.

 

މިއަދު ހެނދުނު އެރަށުގައި މި ހަރަކާތް ފައްޓަވައިދެއްވާ ޢިނާޒު ވިދާޅުވީ ރަށް ސާފުކުރުމަށް މަތިވެރީގައި ބާއްވާ މި ހަރަކާތުގައި ރަށުގެ ކުދި ބޮޑު އެންމެންގެ ބައިވެރިވުން ފެނިގެންދާކަމީ ވަރަށް އުފާކުރާ ކަމެއްކަމުގައެވެ.

 

މީގެއިތުރުން ސާފުތާހިރު ރަށެއްގެ ގޮތުގައި މަތިވެރި ބޭއްވުމަށް ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާ އެއްބައިވަންތަކަމާ އިޖުތިމާއީ ރޫހު ވަރަށް ބޮޑަށް ފާހަގަ ކުރެއްވިގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

 

ޢިނާޒު ވަނީ މި ހަރަކާތް ޝަރަފުވެރިކުރުމުގެ ފުރުސަތު މިނިސްޓްރީއަށް ދެއްވީތީ ކައުންސިލާއި ޑަބުލިއޫޑީސީ އަދި ރަށުގެ ރައްޔިތުންނަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ.

 

2016 ވަނަ އަހަރުން ފެށިގެން މަތިވެރީ ކައުންސިލުން އިންތިޒާމުކޮށް، ސިލްސިލާކޮށް ބާއްވަމުން އަންނަ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ބޮޑު އީދަށް ރަށް ސާފުކޮށް ޒީނަތްތެރިކުރުމެވެ.

 

މަތިވެރިއަކީ ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި ވެސް ވަރަށް މަގްބޫލު ރަށަކަށްވާއިރު، އެކަން ދެމެހެއްޓުމަށް އެރަށުން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.

 


  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ކޮމެންޓް