ފޯކައިދޫ، ޅައިމަގު އަދި ފީވަކުގައި ބީއެމްއެލްގެ އޭޓީއެމް

ށ. ފޯކައިދޫ، ޅައިމަގު އަދި ފީވަކުގައި ބީއެމްއެލްގެ އޭޓީއެމް ފަށައިފިއެވެ.

 

މިކަމަށްޓަކައި އެ ރަށްރަށުގައި ވަކިވަކީން ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވައިދެއްވީ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށް ރަށުގެ ކައުންސިލުގެ މެންބަރުންނާއި ބައެއް އާންމުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ރަސްމިއްޔާތުތަކުގައި އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ އެ ރަށްރަށުގެ ކައުންސިލަށް ރަމްޒީ ކާޑު ހަދިޔާކުރައްވާފައެވެ.

 

މިނިސްޓަރ ވަނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

 

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީވެސް މިގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

 

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅާއި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ހިދުމަތް މިހާރުވަނީ ދޭން ފަށާފައެވެ.

 


  • ބީއެމްއެލް
  • ލޯކަލް ގަވަރމެންޓް މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް