ދިވެހި ހައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބޭނެ: މިނިސްޓަރ

ދިވެހި ހައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ހައްޖުވެރިންނަށް ހައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

 

މިނިސްޓަރު ވަނީ ސައުދީ ޢަރަބިއްޔާ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމެނުއްވުމަށް ނިންމެވިކަމީ ރާއްޖޭގެ ހައްޖުގެ ތާރީޚުގެ ތެރެއަށް އަންނަ އެންމެ ފަސޭހަ ކަންތައްކަން ފާހަގަކުރައްވާފައެވެ.

 

މައްކާ ރޫޓު އިނިޝިއޭޓިވްއާއި ގުޅޭ މައުލޫމާތުތަކެއް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ފަސޭހަކަން ހައްޖުވެރިންނަށް އިހްސާސް ވާނީ ޖިއްދާ އެއަރޕޯޓުން ކަމަށެވެ. އަދި ހައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން ސައުދީ ސަރުކާރުން އިސްތިގުބާލު ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

 

"އިމިގްރޭޝަންގެ ކަންކަމަށް ވެސް  ފޮށިތައް ނެގުމަށްވެސް ހައްޖުވެރިން އެއަރޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެ."

 

މީގެއިތުރުން ޑރ. ޝަހީމް ވަނީ ދިވެހި ހައްޖުވެރިންގެ ހައްގުގައި ދިވެހި ސަރުކާރާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީން ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހައްޖުވެރިއަކަށް ހާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.



ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓު މާދަމާ ފުރުމަށް ތާވަލުކޮށްފައިވާއިރު، މައްކާ ރޫޓު އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކުރުން ވެސް މާދަމާ އޮންނާނެއެވެ. މައްކާ ރޫޓު އިނިޝިއޭޓިވް އިފްތިތާހްކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ޑރ. ޝަހީމް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް