މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާ އަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ޝުކުރުއަދާކޮށްފިއެވެ.
އެ އިދާރާ އިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ލިބުނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއް ކަމަށެވެ. އެގޮތުން ޖުމްލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޟިރުވެފައިވާއިރު، އިންޓަވިއުގައި ބައިވެރިވެފައިވަނީ ވަޒީފާގެ ޝަރުތު ހަމަވާ 758 ފަރާތެއް ކަމަށް ވިދާޅުވެފައި ވެއެވެ.
" ވަރަށްބޮޑަށް ޝުކުރިއްޔާ! މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް އެދި ޒުވާނުންނާއި އާންމު ރައްޔިތުން ދެއްކި ޝައުގުވެރިކަމާއި އެއްބާރުލުމަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން."
މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން މި މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެފައިވާ ކަމަށާއި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދިގު ކިއުތަކެއް އޮތް ނަމަވެސް، އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އިމިގްރޭޝަނުން ވިދާޅުވީ އުއްމީދަކީ މުސްތަގުބަލުގައި އިންޓަވިއުއަށް އަންނަ ފަރާތްތަކަށް ދިމާވާ ދަތިތައް މަދުކޮށް، ކިއުގައި ގިނަވަގުތު ހޭދަކުރަން ނުޖެހޭފަދަ ގޮތަކަށް މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކޮށްދިނުން ކަމަށެވެ. އަދި އިންޓަވިއުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ކާމިޔާބަށް ވަނީ އެދިލައްވާފައެވެ.