ހުޅުމާލޭ މާސްޓަރ ޕްލޭން އިފްތިތާހުކޮށްފި

ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހްކޮށްދެއްވައިފިއެވެ.

 

އެމަނިކުފާނު މި މާސްޓަރ ޕްލޭން އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކާ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

 

އެޗްޑީސީން ވިދާޅުވީ މި ޕްލޭނުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ހިމަނާފައިވާނެ ކަމަށެވެ. އަދި ވިޔަފާރިއާއި އިގްތިސާދީ ހަރަކާތަތައް އިތުރުކޮށް، އައު ކަންކަން ގެނައުމަކީ ވެސް މި ޕްލޭން ރިވައިޒްކުރުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށެވެ.

 

މި ރަސްމިއްޔާތުގައި ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއް ވެސް ދައްކާލާފައެވެ. އަދި އެޗްޑީސީގެ އައު ވެބްސައިޓު ވެބްސައިޓު އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ.



މާސްޓަރ ޕްލޭނަކާއެކު ރާއްޖޭގައި މީހުން އާބާދުކުރަން ފެށި ފުރަތަމަ ޝަހަރުކަމުގައިވާ ހުޅުމާލޭ ފުރަތަމަ ފޭސް ހިއްކައި، އެތަނުގައި މީހުން އާބާދުވާން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. އެއަށްފަހު، ފާއިތުވި 21 އަހަރުގެ ތެރޭގައި ހުޅުމާލޭގެ ލޭންޑް ސްކޭޕަށް ވަނީ ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

 

އެގޮތުން ފޭސް 2 އިތުރުކޮށް، އެތަނުގައި މީހުން އާބަދުވެ ދިރިއުޅެން ވަނީ ފަށާފައެވެ. އަދި މިހާރު ފޭސް 3 އަކަށް ބޭނުންވާ ބިން ހިއްކުމާއި، އެނޫންވެސް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

 

މި މާސްޓަރ ޕްލޭންގައި ހުޅުމާލޭގެ ބަނދަރު ސަރަހައްދުގެ ގޮތުގައި މިހާރު ބޭނުންކުރާ 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކޮށް، ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެނޫންވެސް ޒަރޫރީ ހިދުމަތްތަކާއި ވަސީލަތްކަށް ހާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ވަނީ ކަނޑައަޅާފައެވެ.

 


  • ހުޅުމާލެ
  • އެޗްޑީސީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް