ރައުދު އަހުމަދު ޒިލާލަށް ދައުވާ ކުރަން ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ ހ. މިޓާޒް ގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާ އާގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައުދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މެއި މަހުގެ 24 ވީ ހޮނިހިރު ދުވަހުއެވެ. އެކަމަކު އެދައުވާގެ ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ.
އެ މައްސަލައާ ގުޅިގެން ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހެވެ. އެފަހަރު އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން އިތުރުކުރިއެވެ. އަދި ބަންދުގައި ހުއްޓާ އޭނާ ވަނީ މޭ 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައެވެ.
އެކަމަކު ފުލުހުން ވަނީ ހަމަ އެދުވަހުގެ ހަވީރު، އައު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ. އަދި ވަނީ ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަމައެކަނި ރައުދުއެވެ. އެހެންނަމަވެސް ޔުމްނު ވެއްޓުނު ދުވަހުގެ ކުރީ ރޭ، ޔުމްނުއާއި ރައުދުއާއެކު އެއްކޮށް އުޅުނު އިތުރު 7 މީހެއްގެ ފޯނު ފުލުހުން ހިފަހައްޓާފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި ޔުމްނު ވެއްޓުނު ދުވަހުން ފެށިގެން އޭނާގެ ބަޔާން ނެގުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ފުލުހުން ދަނީ ބުނަމުންނެވެ. އަދި ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާގެ ފުލުހުންނާއި އެކު މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ އިދާރާ އިން ހާމަކުރެއެވެ.