ހުޅުމާލޭ މާސްޓަރ ޕްލޭން ހަގީގަތަކަށް ހެދުމަށް އެންމެންގެ ވިސްނުން އެއްގޮތްކުރައްވާ: ރައީސް

ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން ހަގީގަތަކަށް ހެދުމުގައި ހުރިހާ ފަރާތްތަކުގެ ވިސްނުން އެއްގޮތް ކުރައްވައި، މި މޭރުމުން ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

 

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ރަސްމީ ވެބްސައިޓް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސް ވަނީ ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އެތައް ގޮތަކުން ފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމަށެވެ.

 

މީގެއިތުރުން ގްރޭޓަރ މާލޭ ސަރަހައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، ވެސް މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްގީގެ ކަންކަން ކުރިއަށްގެންދަންވާނީ، މިކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށް ވެސް ވިދާޅުވިއެވެ.

 

މި ޕްލޭން ހަގީގަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެކަމަށް ޔަގީންކުރައްވާ ކަަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

 


  • ހުޅުމާލެ
  • އެޗްޑީސީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް