މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތަރައްގީކުރަމުން އަންނަ "މާފަންނު މައިޒާނު" ގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ހޯމަ ދުވަހު ހަވީރު ކުރިއަށްގެންދިޔަ މިހަރަކާތުގައި 40 ގަހެއް އިންދާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ، ނިކަ ގަހާއި، ދިއްގާ ގަހާއި، ދަނބުގަހެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓިގެ މޭޔަރ އާދަމް ޢާޒިމާއި، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޝިމާޒާއާއި އަންހެނުން ކޮމިޓީގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މީގެއިތުރުން ކައުންސިލްގެ އިސްވެރިންނާއި މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މި މަހުގެ 24 އިން 26 ކުރިއަށްދާ މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) ގެ ފުރަތަމަ އަހަރީ އާންމު ކޮންފަރެންސްގައި ބައިވެރިވާ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި ކުޅުދުއްފުށީ މޭޔަރ މުޙައްމަދު އާތިފްއާއި ބައެއް ރަށްރަށުގެ ރަށު ކައުންސިލަރުންނާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާފަންނަށް ނިސްބަތްވާ ބައެއް ރައްޔިތުން ވެސް ބައިވެރިވިއެވެ.
މާފަންނު މައިޒާން ނިމޭއިރު، އެ މައިޒާންގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި، ޕާކިންގ ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްގީކުރުމާއި މަޖީދީމަގު ތޮއްޖެހުން ކުޑަކުރުމަށް ބަސް ސްޓޮޕް (ޕޮކެޓް) ތަރައްގީކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިންގ ޒޯނެއް ތަރައްގީކުރުން ހިމެނެއެވެ.
ހަމަމިއާއެކު ރަސްމިއްޔާތުތަކާއި ހަފުލާތައް ބޭއްވުމަށް ހާއްސަ ކުރެވިފައިވާ، ގްރީން އޭރިއާއެއް، ތަރައްގީކޮށް ކަސްރަތުކުރުމަށް ކަނޑައެޅިފައިވާ، 496 އަކަ ފޫޓް ސަރަހައްދެއް ވެސް ހެދުމަށް ނިންމާފައި ވެއެވެ.
ޖުމްލަ 36،153 އަކަފޫޓް ހުންނަ މި މައިޒާނުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މޭޔަރ ވިދާޅުވީ މި މައިޒާނުގެ ސަބަބުން މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ކައުންސިލުން މާފަންނުގައި މައިޒާން ތަރައްގީކުރަމުން އަންނަނީ މާފަންނު ސަހަރާ ހުރި ބިން އެއްކޮށް ސާފުކުރުމަށްފަހުއެވެ.