ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާ އޮއްވާ ފެނުނު ހައްވާ ޔުމްން ރަޝީދު ވެއްޓުނު މައްސަލައިގާ ފުލުހުން ދެވަނަ ފަހަރަށް ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އިރުޝާދާ އެކު، އާންމު އުސޫލުތަކާއި އިޖުރާއަތްތަކާއި އެއްގޮތަށް، ތަހުގީގީ މަރުހަލާގެ ތެރެއިން ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެެވެ.
އެގޮތުން އެ އިޖުރާތްތަކުގެ ދަށުން މީހަކަށް ލިބޭ އަދަބެއް، ބަންދުގެ މުއްދަތަށް ވުރެ ދިގުވާނެ ނަމަ އެ މީހަކު ބަންދުން ދޫކޮށްލައެވެ. އެހެންކަމުން ޕީޖީން ދައުވާ ކުރަންދެން ރައުދު ހުންނާނީ ބަންދުން ދޫކޮށްލާފައި ކަމަށް އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ރައުދުއަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން، ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މެއި 24 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން ވިދާޅުވީ ރައުދަށް ދައުވާކުރުމާ މެދު، 15 ދުވަހުގެ ތެރޭގައި އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.
ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު، ބަންދުގައި ހުއްޓާ އޭނާ ދޫކޮށްލީ މެއި 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
އެހެންނަމަވެސް، ހަމަ އެ ދުވަހުގެ ހަވީރު އޭނާ ވަނީ އައު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި ބަންދަށް 5 ދުވަސް ދީފައެވެ.
ޕީޖީގެ އިރުޝާދާ އެކު ރައުދު ބަންދުން ދޫކޮށްލާފައިވާއިރު، ހާދިސާ ހިނގި ރޭ ރައުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސުވާލުކުރުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލިއެވެ. އެ ފަހަރު ރައުދުގެ ޔޫރިން ސާމްޕަލް ވެސް ނަގައި، އޭނާ "ކެނެބިސް" އަށް ޕޮޒިޓިވް ވެސް ވެފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަމައެކަނި ރައުދުއެވެ. އެހެންނަމަވެސް ޔުމްނު ވެއްޓުނު ދުވަހުގެ ކުރީ ރޭ، ޔުމްނުއާއި ރައުދުއާ އެއްކޮށް އުޅުނު އިތުރު 7 މީހެއްގެ ފޯނު ފުލުހުން ވަނީ ހިފަހައްޓާފައެވެ. އެކަމަކު އެ މީހުންނާ ސުވާލުކޮށް، އެމީހުންގެ ޔޫރިން ސާމްޕަލް ނެގި ކަމެއް ސާފެއް ނުވެ އެވެ.
މި ހާދިސާ އާ ގުޅިގެން ވެއްޓުނު ޔުމްނުގެ ބަޔާނެއް މިހާތަނަށް ފުލުހުންނަށް ނެގިފައެއް ނުވާއިރު، މިވަގުތު މެލޭޝިއާގައި ފަރުވާދެމުންދާ ޔުމްނުގެ ބަޔާން ނެގުމަށް އެކޮޅުގައި ތިބި ދިވެހި ފުލުހުންނަށް އާއިލާއިން އެއްބާރުލުން ނުދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އާއިލާއިން ވަނީ މިކަން ދޮގުކޮށްފައެވެ. އަދި ބުނީ ފުލުހުން ބަޔާން ނެގުމަށް ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.