މައިޒާންތަކުގައި ގަސް އިންދާ ފެހި ކުރުމަށް ކައުންސިލުން އިސްކަންދޭ: މޭޔަރ

މާލޭގައި ގަސް އިންދައި ފެހިކޮށް، މާލެ ފިނިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތަރައްގީކުރަމުން އަންނަ "މާފަންނު މައިޒާނު "ގައި ގަސް އިންދުމަށް، ހޯމަދުވަހުގެ ހަވީރު ބޭއްވި ހަރަކާތުގައެވެ.

 

މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ވިދާޅުވީ މާލެ އަބަދު ވެސް ވަރަށް ހޫނު ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މައިޒާންތައް ހަދައި މައިޒާންތަކުގައި ގަސް އިންދައި ފެހި ކުރުމަކީ، ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.

 

މި ގޮތަށް މައިޒާންތައް ފެހިކޮށް ގަސް އިންދުމުން، މާލޭގެ މަގު މަތީ ހިނގާބިނގާވެ، އުޅޭ މީހުންނަށް ފަސޭހަކަމާއެކު ދުރުފެނުމަކީ އެ މީހުންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި ފައިދާތަކެއްވެ، އުފާވެރިކަން ގެނެސްދޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ގަސްތައް ފެނުމުން ހިތްހަމަޖެހުން ގެނެސްދޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

މޭޔަރު އިތުރަށް ވިދާޅުވީ މާފަންނު މައިޒާން ތަރައްގީކުރާ ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ސަރަހައްދު ކަމަށާއި މި ސަރަހައްދުގައި ހުރި ގޯޅިތައް ހަނިވުމުގެ ސަބަބުން ބަލިމީހުން އުފުލުމަށް ބޭނުން ކުރާ އެމްބިއުލަންސް އެގޯޅިތަކަށް ވަދެ ނިކުތުމަށް ފަސޭހަކުރުމަށް އެ ގޯޅިތަކުގައި ހުރި ސައިކަލްތައް މާފަންނު މައިޒާނުގައި ހެދިގެން އަންނަ ސައިކަލް ޒޯނަށް ބަދަލުކުރުމަށް، ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

 

މީގެއިތުރުން މާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ މާލޭގައި ދިރި އުޅޭ ރައްޔިތުން އުފާކޮށް، އެ މީހުންނަށް ރަނގަޅު މާހައުލެއް ގާއިމް ކުރުމުގެ ހެޔޮނިޔަތުގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރުމުގައި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް