ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަންވާނީ ޤުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގަ: މޭޔަރު އާޒިމް

ކީރިތި ގުރްއާނުން ލިއްބައިދޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރަމުން ގެންދިއުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އެދިވަޑައިގެންފިއެވެ.

 

މިފަދައިން އެދިވަޑައިގެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލުން އިންތިޒާމްކޮށްގެން ނިމިޔަ ރަމަޟާން މަހު ބޭއްވި ތިން ވަނަ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.

 

މޭޔަރ ވިދާޅުވީ ގުރްއާނުން ލިބޭ އެންމެ މާތް މަތިވެރި ފިލާވަޅުތަކުގެތެރޭގައި މައިންބަފައިން ދެކެ ލޯބިވެ، މައިންބަފައިންގެ ބަސްއަހައި، ގުރްއާން ކިޔަވާބަޔަކަށްވުން ހިމެނޭ ކަމަށެވެ. އަދި ނަމާދުކޮށް، މުދައްރިސުންގެ ބަސްއަހައި، ރަނގަޅު ބަޔަކަށް ވުން ވެސް ހިމެނޭ ކަމަށެވެ.

 

މީގެއިތުރުން ގިނަގިނައިން ގުރްއާން ކިޔެވުމާއި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުމާއި މިއީ ހުރިހާ ކުދިން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، އެއަށް ޢަމަލުކުރަންޖެހޭނެ ކަންތައްތައް ކަމަށް ވިދާޅުވިއެވެ.

 

މޭޔަރު އާޒިމް ވަނީ ގުރްއާނުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މުހިންމު އަނެއް ފިލާވަޅަކީ އަޚްލާގު ކަމަށާއި ރީތިކޮށް ތިމާ އުޅުމާއި، އެހެން މީހުންނާ ދޭތެރޭގައި އޯގާތެރިކަމާއެކު މުއާމަލާތް ކުރުން ކަމަށެވެ. އަދި ގުޅުން ރަނގަޅު ކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވުން ކަމަށެވެ.

 

" މިއީ އަޅުގަނޑުމެންނަށް ޤުރްއާނުން ލިއްބައިދޭ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އެކަމަކަށް އެންމެ ބޮޑަށް އަމުރު ކުރައްވާފައިވާ އެއް ކަންތައްވެސްމެ."

 

ހަމަމިއާއެކު ތުއްތުކުދިންނަށް ރީތި އަޚްލާގު ދައްކައިދިނުމަކީ އަބަދުވެސް ހަނދާނުގައި ބަހައްޓައި ޢަމަލުކުރަންޖެހޭ އެއް ކަންތައްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ފީއަލީ ކައުންސިލަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށް، މަސައްކަތްކުރާ ކައުންސިލެއްކަން ފާހަގަކުރައްވާފައެވެ.

 

މީގެ ހެއްކަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި ބާއްވާ މުބާރާތަކަށް ހޮވޭ ދަރިވަރުންނަށް، ކައުންސިލުގެ ފަރާތުން ހުރިހާ ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުން ކަމަށް ވިދާޅުވިއެވެ. އަދި މި މުބާރާތް ބޭއްވުމަށްޓަކައި ކައުންސިލުގެ ބަޖެޓުން ހޭދަކޮށްގެން ކުރިއަށްގެންދިއަކަމީ، ކައުންސިލުންނާއި ރައްޔިތުން ގުޅިގެން ރަނގަޅު ޖީލެއް ބިނާކުރުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށާއި އޭގެ ފައިދާ އަބަދުމެ ދެމި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް