މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރުމަށް ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާއިގުޅިގެން ބުދަ ދުވަހު ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 196 ވަނަ އާންމު ޖަލްސާގައި ކުރެވުނު މަޝްވަރާއަށް ފަހުއެވެ.
މިކަމާއިގުޅިގެން ކުރެވުނު މަޝްވަރާގައި މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ އެކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވަނީ އިންސާނުންގެ ސިއްހަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ދުނިޔޭގެ ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށްޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލުގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދުކުރާކަން ހާމަކުރައްވާފައެވެ. އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝްއާއި މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލުގެ ގިނަ މެމްބަރުން ވެސް ވަނީ މިކަމަށް ތާއީދު ކުރައްވާފައެވެ.
އާސަންދައިން ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ހިދުމަތް ހޯދާ ބަލިކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކެންސަރަކީ ސިއްހީ ގޮތުން ކުރިމަތިވާ މައްސަލަތަކާއި އިގުތިސާދީގޮތުން ވެސް ގިނަ ފައިސާތަކެއް ހަރަދުކުރަން ޖެހޭ ކަމަކަށްވާތީ މިކަން ހުއްޓުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.
ފަހަކަށް އައިސް މާލެ ސިޓީކައުންސިލަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުން އަންނަ ކައުންސިލެކެވެ.